ކައުންސިލުގެ ފިއެސްޓަރ 2ވަނަ ވޮލީ މުބާރާތް ފެށިއްޖެ
ކައުންސިލްގެ ފިއެސްޓަރ ވޮލީ މުބާރާތް 2025 ޖުމްލަ 7 ޓީމާއިއެކު މި އޮކްޓޯބަރ މަހުގެ 10 ދުވަހު ހަވީރު 16:30 ގައި ފެށިއްޖެއެވެ. ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ފެށުމުގެ ރަސްމިއްޔާތުގައި ފުރަތަމަ ބައްދަލުކުރީ މަންޖެ އަދި ކަނބަލުންގެ ޓީމެވެ. ސީދާ ދެ ސެޓުން ކަނބަލުން ކާމިޔާބު ކުރި މެޗްގެ ކްއީން އޮފް ދި މެޗަކަށް ހޮވިފައިވަނީ މަންޖެ ޓީމުގެ ޖޯޒީ ނަންބަރ 3 ފާތިމަތު ނުހާއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ 1 މެޗް ރޭ ކުޅެވިފައިވެއެވެ. 20:30 ގައި އަހަގުން އަދި ހުޝިޔާރު ބައްދަލުކުރި މެޗް 1 ސެޓް 1 ސެޓުން އެއްބަރުވެ ފަހު ސެޓް ކާމިޔާބުކޮށް މޮޅުވެފައިވަނީ ހުޝިޔާރު ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޝިޔާރު ޓީމުގެ ޖޯޒީ ނަންބަރ 5 ޙުސެއިން ފަޔާޒެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ 2 ވަނަ މެޗްގައި ސިއްސުވާލި އަދި އަފީންސް ބައްދަލުކުރި މެޗް ސީދާ ދެސެޓުން އަފީންސް މޮޅުވި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަފީންސްގެ ޖޯޒީ ނަންބަރ 7 ސަމްހާޒު މޫސާއެވެ.
މިއަދުވެސް މުބާރާތުގެ 3 މެޗް ކުޅޭގޮތަށް ހަމަޖެހިފައިވެއެވެ. މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ހުޝިޔާރު އަދި ސިއްސުވާލިއެވެ. މި މެޗް ފަށާގޮތަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ. އަދި ރޭގަނޑު މެޗްތަކުގައި 20:30 ގައި ބައްދަލުކުރާނީ ކަމަނަ އަދި މަންޖެއެވެ. 21:30 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ އަފީންސް އަދި އަހަގުން ޓީމެވެ.
މުބާރާތަކީ ކައުންސިލުން ކޮންމެ އަހަރުވެސް ކުރިއަށް ގެންދާ ސިލްސިލާ މުބާރާތުގެ ތެރެއިން 2 ވަނަ މުބާރާތެވެ. މި މުބާރާތުގައި އިންކްޑް މޯލްޑިވްސްގެ ފަރާތުން މުބާރާތުގެ އޮފިޝަލުންގެ ޖޯޒީގެ އިތުރުން ބެކް ޑްރޮޕްތައް ސްޕޮންސަރ ކޮށްފައިވާކަން ފާހަގަ ކުރަމެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުބާރާތުގެ މެޗް ރެފްރީން ސްޕޮންސަރ ކޮށްދެއްވާފައިވާކަންވެސް ފާހަގަ ކުރަމެވެ.
މުބާރާތަކީ ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ރަށަށް ނިސްބަތްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެއްކަން ފާހަގަ ކުރަމެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާއިރު ރަނައަޕް ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ. މި ފައިސާގެ އިނާމު ދެޑިވިޝަނަށްވެސް ލިބިގެންދާނެކަން ފާހަގަ ކުރަމެވެ.