ޖުލައި މަހު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުން
ލާމަރުކަޒީ ގާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމްކުރާ, ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަން ކަނޑައަޅާފައިވާ މައުލޫތު ދިނުމުގެ ބައްދަލުވުން ބޭއްވިއްޖެއެވެ. މާބައިދޫ އިޖްތިމާއީ މަރުކަޒުގައި މިރޭ 21:00 ގައި ފެށި ބައްދަލުވުމަށް ރަށުގެ ދެޖިންސްގެ ރައްޔިތުންގެ ތެރެއިން 22 ފިރިހެން ބޭފުޅުންނާއި 9 އަންހެން ބޭކަނބަލުން ބައިވެރިވެލެއްވިއެވެ. މިބައްދަލުވުން ޤުރުއާނުގެ ބަރަކާތުން ތައްޓަވާ ދެއްވީ މިރަށު ހުކުރު މިސްކިތުގެ އިމާމު އަލްފާޟިލް އަލީ ރަޝީދެވެ. ބައްދަލުވުން ތައާރަފް ކުރުމާއި 2021 ވަނަ އަހަރަށް ކަނޑައެޅިފައިވާ އެކްޓިވިޓީ ކަލަންޑު އިއްވާ ދެއްވީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަލީ ފިރާގެވެ. އެއަށްފަހު 2021 ވަނަ އަހަރަށް ކައުންސިލުން އެކުލަވާލާ ކައުންސިލްގެ ބަޖެޓުގެ މައުލޫމާތު ދެއްވީ ކައުންސިލްގެ އެސިސްޓެންޓް ފައިނޭންސް އޮފިޝަރ އަލްފާޟިލް އިސްްމާއި ރަޝީދެވެ. ބައްދަލުވުމުގެ މުހިއްމު ނަންބަރެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ވަޑައިގެންނެވި އެންމެހާ ރައްޔިތުންނާއި މުހާޠަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަ ފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާ ލެއްވެވީ 2021 ވަނަ އަހަރަށް ކަނޑައެޅިފައިވާ އެކްޓިވިޓީ ކަލަންޑަރާއި ބަޖެޓުގެ މައްޗަށެވެ. 2021 ވަނަ އަހަރުގެ ބަޖެޓް ތަންފީޒު ކުރަންތިބޭނީ މިހާރު ތިބި ކައުންސިލަރުން ނޫންކަމާއި އައު ކައުންސިލެއްގެ ހޮވުމަށް ބާއްވަންޖެހޭ އިންތިޙާބު އަންނައަހަރު ފެށޭހިސާބުގައި ބާއްވާނެ ކަމަށާއި އަދި ހޮވޭ ކައުންލަރުން ހުވައި ކުރައްވާ ބަޖެޓް ތަންފީޒު ކުރަން ނިކުންނަވާނެ ކަމަށާއި، އެހެން ކަމުން ކައުންސިލަށް ކުރިމަތި ލުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުން މިބަޖެޓަށް ގެންނަން ފެންނަ އިސްލާހު ތަކާއި ބެހޭގޮތުން ފުންކޮށް ވިސްނަވާ ބަޖެޓް ހިޔާލު ފޮނުއްވާ ދެއްވުމަށް އެދި ވަޑައިގެންނެވިއެވެ. ބައްދަލުވުމުގެ ފަހު ކަމެއްގެ ގޮތުގައި ކުރިއަށް ދިޔައީ ކައުންސިލްގެ 2021 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރާއި ބަޖެޓަށް އާންމުންގެ ފަރާތުން ހިޔާލު ހޯދުމަށް ހުޅުވާލާ ހިޔާލު އަދި ސުވާލު ކުރުމުުގެ ފުރުޞަތު ހުޅުވާލެވުނެވެ. އެގޮތުން ހުޅުވާލި ފުރުޞަތުގައި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ހިޔާލާއި ސުވާލުކައުންސިލަށް އަމާޒު ކުރެވި ސުވާލުތަކަށް ކައުންސިލްގެ ފަރާތުން ޖަވާބު އެރުވިގެންދިޔަކަން ފާހަގަ ކޮށްލަމެވެ. ގިނަ ހިޔާލު ތަކަކާއިއެކު މި ބައްދަލުވުން ނިންމަވާ ލެއްވީ 23:30 ގައި ކައުންސިލްގެ ރައީސެވެ.