2023 ވަނަ އަހަރު ފެބްރުވަރީ މަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވިއްޖެ

ލާމަރުކަޒީ ގާނޫނުގެ 107 މާއްދާގައި ކައުންސިލްގެ މައްޗަށް ލާޒިމްކުރާ, ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަން ކަނޑައަޅާފައިވާ ބައްދަލުވުން ތަކުގެތެރެއިން ފެބްރުވަރީ މަހު ބާއްވަންޖެހޭ ބައްދަލުވުން ބޭއްވިއްޖެއެވެ. މާބައިދޫ ޔޫތު ސެންޓަރުގެ ހޯލުގައި 20 ފެބްރުވަރީ 2023 ދުވަހުގެރޭ 20:45 ގައި ފެށި ބައްދަލުވުމަށް ރަށުގެ ދެޖިންސްގެ ރައްޔިތުންގެ ތެރެއިން 14 ފިރިހެން ބޭފުޅުންނާއި 14 އަންހެން ބޭކަނބަލުންނާއިއެކު ޖުމްލަ 28 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ބައްދަލުވުމުގައި ބައިވެރިން

ޤުރުއާނުގެ ބަރަކާތުން މި ބައްދަލުވުން ފައްޓަވާ ދެއްވީ ކައުންލުގެ ސަޕޯރޓް ސްޓާފް އަލްފާޟިލާ ފާތިމަތު ސައީދާއެވެ. ބައްދަލުވުން ތައާރަފްކުރުމުގެ ނަންބަރ ފުރިހަމަ ކޮށްދެއްވީ މާބައިދޫ ކައުންސިލްގެ އ ކައުންސިލް އެގްޒެކްޓިވް އަލްފާޟިލް އަޙްމަދު ނައުފަލެވެ. އަދި 2022 ވަނަ އަހަރު ގެ އަހަރީ ރިޕޯރޓް އިއްވަވާ ދެއްވީ ކައުންސިލް އޮފިޝަރ އަލްފާޟިލް  އަޙްމަދު އަސްލަމެވެ.

އަލްފާޟިލާ ފާތިމަތު ސައީދާ
އަލްފާޟިލް އަޙްމަދު ނައުފަލް

އަދި 2022 ވަނަ އަހަރުގެ މާލީ ބަޔާން  އިއްވަވާ ދެއްވީ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އިސްމާއިލް ރަޝީދެވެ. މާލީ ބަޔާނަށްފަހު ރައްޔިތުންނާއި މުހާތަބްކޮށް ކައުންސިލްގެ ރައީސް ވާހަކަ ފުޅު ދައްކަވާފައިވެއެވެ. ރައީސްގެ ވާހަކަ ފުޅުގައި 2022 ވަނަ އަހަރު ސަރުކާރުންނާއި ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރާ ކަންކަމާއި ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ.

އަލްފާޟިލް އަޙްމަދު ރަޝީދު
އަލްފާޟިލް އަޙްމަދު އަސްލަމް

ލާމަރުކަޒީ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ފެބްރުވަރީ މަހު ބޭއްވޭ ބައްދަލުވުމުގައި ކުރީ އަހަރު ހިންގުނު ޚަރަކާތްތަކުގެ ރިޕޯރޓް އިއްވުމާއި މާލީ ބަޔާން އިއްވުމުގެ އިތުރުން ކައުންސިލްގެ ކުރީ އަހަރުގެ އޮޑިޓް ރިޕޯރޓް އިއްވަންޖެހެއެވެ. އެހެން ނަމަވެސް މި ކައުންސިލް އޮޑިޓްކޮށް އެންމެ ފަހުން ރިޕޯރޓެއް ނެރެވިފައިވަނީ 2016 ވަނަ އަހަރު ކަމުން މި ބައްދަލުވުމުގައި އިއްވާނެ އިތުރު އޮޑިޓް ރިޕޯރޓެއް ނެތްކަން ފާހަގަ ކުރަމެވެ.
މިބައްދަލުވުމުގައި 2022 ވަނައަހަރު ހައްދުންމަތި މާބައިދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދެވިފައިވާ ޚިދުމަތްތަކާއި ރަށުގެ ރަށްވެހި ދިރިއުޅުން އުޖާލާކުރުމަށް ކުރެވިފައިވާ  މަސައްކަތްތަކާއި އަދި ރަށުގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތް ތަކާއިބެހޭގޮތުން ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ވިސާމު ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަމަ އެހެންމެ 2022 ވަނަ އަހަރު ކައުންސިލް ހިންގުމުގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް މުހިއްމު ނިންމުންތަކެއް ނިންމައި ޚިދުމަތް ފޯރުކޮށް ދެވިފައި ވާކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން ރަށުގައި ކެރެންޑޫ ދުރުދަނޑޫ ބްރިޖް ގާއިމް ކުރުމާއި ޕްރީ ސްކޫލުގެ ޚިދުމަތް ފެށުމާއި އައުޓް ޑޯ ޖިމްގެ ވަށާފާރު ޤާއިމްކޮށް ނިންމާ ރައްޔިތުންނަށް އެތަނުގެ ޚިދުމަތް ދޭން ފެށުނެވެ. އަދި ބްރިޖް ޤާއިމް ކުރުމާއި ގުޅިގެން ކެރެންޑޫން އަދި ދުރުދަނޑޫގެ ވަށައިގެން މަގެއްހަދާ ނިންމާ އެމަގުގެ ޚިދުމަތްވެސް ރައްޔިތުންނަށް ދެވުނެވެ.  އަދި ހަމައެހެންމެ ރަށުގެ ކުނިމެނޭޖުކޮށް ބެލެހެއްޓުމަށް ބުރަމަސައްކަތް ތަކެއް ކުރެވިފައިވާ ކަންވެސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ވެގެންދިޔައީ ސަރުކާރުން މާބައިދޫއަށް އިސްކަމެއް ދީގެން މަސްރޫއު ތަކެއް ފެށުނު އަހަރެއް ކަމަށާއި އެގޮތުން ފެނަކަ އައު އިންޖީނުގެއާއި ފެނަކަ އައު އޮފީސް އިމާރާތުގެ އިތުރުން ނަރުދަނާގެ ޚިދުމަތާއި ފެނުގެ ޙިދުމަތުގެ އިތުރުން ފުޓްސަލް ދަނޑުގެ މަސައްކަތް 2022 ވަނަ އަހަރު ފެށިގެން ކުރިއަށް ގޮސް ފެނަކަ އައު އިންޖީނުގެއާއި އޮފީސް އިމާރާތުގެ ޚިދުމަތް 11 ނޮވެމްބަރ 2022 ގައި ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާކަން ފާހަގަ ކުރަމެވެ. އޭގެ އިތުރުން ރަށުން ގޯތި ދޫކުރުމަށް ހަދަންޖެހޭ މަގުތައް ހެދުމާއި ކަރަންޓް އައު ނެޓްވޯކް މުޅިރަށުގައި އެޅިފައިވާކަން ފާހަގަ ކުރަމެވެ.

މި ބައްދަލުވުމު ކައުންސިލުން ކުރިއަށް ގެންދާ ކަންކަމާއި ބެހޭގޮތުން ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހަތަރު ސުވާލެއް ކައުންސިލަށް އަމާޒު ކުރެވި ކައުންސިލުން އެއަށް ޖަވާބުދާރީ ވެފައިވާކަން ފާހަގަ ކުރަމެވެ. އޭގެ އިތުރުން ބައިވެރިންގެ ފަރާތުން ކައުންސިލުން ކަންތައް ކުރުމުގައި ބޭނުން ކުރެވިދާނެ އުކުޅުތައް ފާހަގަ ކޮށްދެއްވާފައިވާތީ އެކަންތައްތައް ބަލައިގަނެ އެކަމަށް ކައުންސިލުގެ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ. ބައިވެރިނަށް ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތު ނިމުނީ ސުވާލު ކުރާނެ އިތުރު ފަރާތެއް ހުރިތޯ ބަލާ އިތުރު އެއްވެސް ސުވާލެއް އެއްވެސް ބައިވެރިއެއްގެ ފަރާތުން ހުށަހެޅިފައި ނެތުމުން 22:30 ގައެވެ.