ކައުންސިލުން ތަޖުރިބާ ހޯދުމަށް ދާލު އަތޮޅަށް ދަތުރެއް ފަށައިފި
ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މި ކައުންސިލާއި މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ޓީމެއް ދ އަތޮޅަށް ފުރައިފިއެވެ. މި ޓީމު ދ އަތޮޅަށް ފުރާފައިވަނީ 02 ޑިސެމްބަރ 2022 ދުވަހުގެ މެންދުރުފަހު 14:30 ގައި އަތޮޅު ކައުންސިލްގެ ލޯންޗް ޑެކޯރާގައެވެ. މިދަތުރުގައި 4 ކައުންސިލަރުންނާއި އތމ ކޮމެޓީގެ 4 މެމްބަރުންނާއި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ތެރެއިން 6 މުވައްޒަފުންނާއިއެކު ޖުމްލަ 14 މީހުން ބައިވެރިވެފައިވެއެވެ.
ދ. އަތޮޅަށް ކުރާ ދަތުރުގެ ތެރެއިން 02 ޑިސެމްބަރ 2022 ދުވަހުގެ ރޭގަނޑުވަގުތެއްގައި ދ އަތޮޅު ކައުންސިލް އިދާރާ ގެ އިތުރުން ދ ކުޑަހުވަދޫ ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލުކުރާނެއެވެ. މި ބައްދަލުވުންތަކުގައި ބޮޑަށް މަޝްވަރާކުރާނީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަ ގޮތާއި ރެވިފައިވާ ޕްރޮޖެކްޓްތަކާއި ބެހޭގޮތުންނެވެ. އަދި އތމ ކޮމެޓީ ޚަރަކާތްތެރިވާ ގޮތްތައްވެސް މި ދަތުރުގައި އަހާ އޮޅުން ފިލުވާނެއެވެ.
މި ކައުންސިލުން ދ އަތޮޅަށް މިކުރާ ދަތުރަކީ 2-7 ޑިސެމްބަރަށް ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ފަށާފައިވާ ދަތުރެކެވެ. މިދަތުރުގައި 4 ރަށެއްގައި ރޭގަނޑު މަޑުކުރާނެއެވެ. އަދި ދ. އަތޮޅުގެ ހުރިހާ ކައުންސިލަކާއި އތމ ކޮމެޓީއަކާއި ބައްދަލުކޮށް ހިޔާލު ބަދަލު ކުރާނެއެވެ.
މި ދަތުރުގެ މައިގަނޑު ބޭނުމަކީ އަލަށް ކައުންސިލަށް ހުވުނު ކައުންސިލަރުންނާއި އތމ ކޮމެޓީގެ އިތުރުން ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް، އެހެން ކައުންސިލްތަކުގެ ކަންކަން ތަޖުރިބާ ކޮށްލުމާއި އެހެން ކައުންސިލްތަކާއި އެކު ގުޅުން ބަދަހި ކުރުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި ކައުންސިލްތަކުން އާމްދަނީ ހޯދުމަށް ކުރާކަންކަމާއި އަދި ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގައި މައިގަނޑު ގޮތެއްގައި ކުރިމަތިވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް މަސައްކަތްކުރާ ގޮތްތައް އުޅުންފިލުވުމުގެ މަޤްޞަދުގައި ކައުންސިލްގެ ބަޖެޓުން ހޭދަކޮށްގެން ކުރާދަތުރެކެވެ. މިދަތުރުގެ ހުރިހާ ޚަރަދެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުގެ ބަޖެޓުންނާއި ދ. އަތޮޅުގެ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއިއެކުގައިކަން ފާހަގަ ކުރަމެވެ.