މާބައިދޫގައި ފުޓްސަލް ދަނޑެއް ޤާއިމްކުރަނީ

ލ. މާބައިދޫގައި 146 ފޫޓް 93 ފޫޓްގެ ފުޓްސަލް ދަނޑެއް ޤާއިމް ކުރުމަށް ސަބާން ކޮންޓްރަންޝަން ޕްރައިވެޓް ލިމިޓެޑާއި އެކު އެގްރިމެންޓްގައި ސޮއިކުރެވިއްޖެއެވެ.

ހައްދުންމަތީ މާބައިދޫ ކައުންސިލްގެ މީޓިން ރޫމުގައި 13 އޮކްޓޯބަރ 2022 ދުވަހު ހެނދުނު 10:30 ގައި ބޭއްވުނު ރަސްމިއްޔާތުގައި މާބައިދޫ ކައުންސިލްގެ ފަރާތުން އެގްރިމެންޓްގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ވިސާމެވެ. އަދި ސަބާން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމްޕެނީގެ އޮޕަރޭޝަން މެނޭޖަރ އަލްފާޟިލް އަލީ ޒިޔާދެވެ.

ފަންސާސް ދުވަހުތެރޭ މަސައްކަތް ނިންމާ ކައުންސިލާއި ހަވާލުކުރާ ގޮތަށް އެގްރިމެންޓްގައި ސޮއިކުރެވި މަސައްކަތުގެ ސައިޓްވެސް މިވަނީ ސަބާން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރެވިފައެވެ. ފުޓްސަލް ދަނޑު ގާއިމްކުރާ ބިން އޮތީ ކުރީ ސަރުކާރުން މިރަށުގައި ޤާއިމްކޮށްފައިވާ ސްޕޯރޓްސް އެރީނާ ސަރަހައްދުގައެވެ.

ފުޓްސަލް ދަނޑުގެ ބިން

ފުޓްސަލްދަނޑުގެ އެގްރީމެންޓްގައި ސޮއިކުރުމުގެ މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ކައުންސިލްގެ ރައީސް ވިދާޅުވީ “މި ކަމަކީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި ޔޫތު މިނިސްޓްރީން މާބައިދޫއަށް އަމާޒުކޮށްފައިވާ ޕްރޮޖެކްޓެއްގެ ތެރެއިން 3 ވަނަ ޕްރޮޖެކްޓް ކަމަށާއި ކައިރި މުސްތަޤްބަލެއްގައި ދެން ބާކީ އޮތް 2 ޕްރޮޖެކްޓްގެ މަސައްކަތްވެސް ފެށިގެން ދާނޭކަމަށް. މިކަމަށްޓަކައި އަދުގެ ސަރުކާރަށް ކައުންސިލުގެ ނަމުގައި ޝުކުރު އަދާކުރާކަމަށް. ސަރުކާރުން އަދަދުވެސް ރައްޔިތުންގެ ލުއިފަސޭހައަށާއި ޒުވާނުންގެ ކުރިމަގަށް ކަންކަން ބައްޓަންކޮށްގެން ޒުވާނުންނަށް އަމާދުކޮށްގެން މަސްރޫޢުތައް ކުރިއަށް ގެންދާކަމަށް”.

މި ރަސްމިއްޔާތު ނިމިފައިވަނީ ހެނދުނު 11:00 ގައި އެގްރިމެންޓްގައި ސޮއިކޮށް ދެފަރާތުން ބަދަލުކުރަންޖެހޭ ހުރިހާ ޑޮކިއުމެންޓެއް ބަދަލުކޮށް ނިމުމަށްފަހުގައިކަންވެސް ފާހަގަ ކުރަމެވެ.