ކައުންސިލުން ގަރާޖެއް އިމާރާތް ކުރުން
ކައުންސިލުން ކުރިއަށް ގެންދާ ކުނި ނައްތާލުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރުމަށް ހޯދޭ 2 ޓަނުގެ ޕިކަޕް ބޭއްވުމަށް ގަރާޖެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވާ ޓްރޫ ސަރވިސް ކޮމްޕެނީއާއި އެމަސައްކަތް ހަވާލު ކުރެވިއްޖެއެވެ. ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން 85 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް އެމަސައްކަތް ހަވާލު ކުރެވުނީ 28 އޯގަސްޓް 2022 ދުވަހު މެންދުރު ފަހު 13:45 ގައި ކައުންސިލްގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. ކޮންޕެނީގެ ފަރާތުން ސޮއިކުރެއްވީ އިބްރާހީމް ނައީމެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ވިސާމެވެ.
މި ރަސްމިއްޔާތުގައި ރައީސް ފާހަގަ ކުރެއްވި ގޮތުގައި މިއީ މިކަމަށް އެދި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމެއް ކަމަށާއި އިރާދަ ކުރެއްވިއްޔާ މިތަން ނިމި ކައުންސިލުން އަލަށް ގެނެވޭ ޕިކަޕް ބޭއްވުމަށް ޖާގަ ބޮޑު ޙިދުމަތްތައް ޤާއިމްވެފައިވާ ގަރާޖެއް ލިބިގެންދާނެކަމަށެވެ.
ކައުންސިލުން ގަރާޖެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ކުރިން މިރަށުގެ ރައްޔިތުން ބޭނުން ކުރުމަށް ބަހައްޓާފައިވާ ފެންތާނގީތަކުން ބައެއް ނަގާފައި އެތަނުގައިކަންވެސް ފާހަގަ ކުރަމެވެ. އެ ފެންތާނގީ ތަކަކީ މިހާރު އެއްވެސް ކަމަކަށް ބޭނުންކުރާ ތަންގީ ތަކަކަށް ނުވާތީ އެތަން ބޭނުންކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމަކީ ކައުންސިލްގެ އަމާޒެކެވެ. އަދި މިތަނުން ނެގޭ ތާނގީތައް އެހެން ދިމާއަކަށް ފެންރައްކާކުރެވޭ ގޮތަށް ބަދަލު ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.