ޑެންގޫ އާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުން

މިދުވަސްވަރަކީ ރާއްޖޭގައި ހަލުވިކަމާއިއެކު ޑެންގޫ ހުން ފެތުރެމުންދާ ދުވަސްކަށްވެފައި މިރަށުން ޑެންގޫގެ 4 ކޭސް ފެނުމާއި ގުޅިގެން މިކަމަށް ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކައުންސިލާއި މަރުކަޒާއި އަދިވެސް ރަށުގައިހުރި ސަރުކާޒުގެ މުވައްސަސާތައް ގުޅިގެން ޚަރަކާތްތަކެއް ހިންގުމަށް މަޝްވަރާ ކުރެވިއްޖެ. މި ކަމަށް މަޝްވަރާ ކުރެވުނީ މާބައިދޫ ޞިއްހީ މަރުކަޒުގެ އެދުމަކަށް މިއަދު 21 މެއި 2022 ދުވަހު ހެނދުނު 10:30 ގައި މާބައިދޫ ޔޫތު ސެންޓަރުގައި، ކައުންސިލާއި ޞިއްހީ މަރުކަޒުގެ އިސްވެރިންނާއިއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މައުލޫމާތު ދެމުން މާބައިދޫ ޞިއްޙީ މަރުކަޒުގެ ފަރާތުން މުއުމިނާ މޫސާ ވިދާޅުވީ މިދުވަސްވަރަކީ ހަލުވި ކަމާއިއެކު ދުނިޔޭގައި މަކުނު ވިދުރި ފެތުރެމުންދާ ދުވަސްވަރަކަށްވެފައި ރާއްޖޭގައި ޑެންގީ ހުން އާންމުވެ ފެތުރެމުންދާ ދުވަސްވަރަކަށްވާތީ މިކަމަށް ހާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށް. އަދި މިރަށުންވެސް ފެނިފައިވާ ހަތަރު ކޭސް ފެނިފައިވަނީ ރަށުގައި ތަފާތު 03 ސަރަހައްދަކުންނެވެ.

މިކަމާއި ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މިއަދު 13:30 ގައި ރަށުގައި ތިއްބެވި އަންހެން ބޭފުޅުންނާއި ކައުންސިލާއި މަރުކަޒުން ބައްދަލުކޮށް މި ބަލިތަކާއި ބެހޭގޮތުން މައުލޫމާތު ދެވިފައިވެއެވެ. އަދި މިބަލި އިތުރަށް ކޮންޓުރޯލް ކުރުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވެއެވެ. އެގޮތުން ރަށުގައި ހުރި ހުރިހާ މުވައްސަސާތަކާއި ގުޅިގެން އަދި ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިގެން މަދި ކޮންޓުރޯލުކުރުމުގެ ޕްރޮގުރާމެއް 22 މެއި 2022 ވާ ހޯމަ ދުވަހު ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ.

މި ޚަރަކާތުގައި ރަށުގެ ހުރިހާ މުވައްސަސާއެއްގެ އިތުރުން އަންހެން ރައްޔިތުންވެސް ބައިވެރިވާގޮތަށް ޕްރޮގްރާމް އިންތިޒާމުކުރި ފަރާތުންވަނީ ނިންމާފައެވެ.