ކްލަބް މާބައިދޫގެ ފެށުން ރަނގަޅުކޮށްފި

ލ. ގަން  ކައުންސިލުގެ ފުޓްބޯޅަ މުބާރާތުއި މިއަދު 19 ޑިސެމްބަރ 2021 ދުވަހު މާބައިދޫ ކައުންސިލްގެ ކްލަބް މާބައިދޫއާއި މަތިމަރަދޫ އަމިގޯސް ސްޕޯރޓްސް ބައްދަލު ކުރިމެޗް 3-1 އިން ކްލަބް މާބައިދޫ ކާމިޔާބުކޮށް، ޓީމުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މެޗްގެ ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް 16:43 ގައި ކްލަބް މާބައިދޫގެ ޖޯޒީ ނަންބަރ 17 އަބްދުﷲ ފަރީސް ގޯލަށް ފޮނުވާލި ބޯޅަ ގޯލުގެ ހުޅަނގު ކަނަށްވަދެ 1-0 ގެ ނަތީޖާއަކުން ކްލަބް މާބައިދޫ ކުރީގައި އޮވެ ފުރަތަމަ ހާފް ނިމުނީ އިތުރު ވަގުތާއިއެކު 16:48 ގައެވެ.


ދެވަނަ ހާފްގެ ކުޅުން ފަށާ 17:21 ގައި ކްލަބް މާބައިދޫގެ ލީޑް ފުޅާކޮށްދިނީ ޖޯޒީ ނަންބަރ 27 ޝާފިއު ރަޝީދު ހަނި އެންގަލަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައަކުންނެވެ.

މެޗްގެ 3 ވަނަ ލަނޑު ކްލަބް މާބައިދޫއަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުމެ ޖޯޒީ ނަންބަރ 33 ޙަސަން ނިޔާޒު، ކާމިޔާބު ކޮށްދީ ލީޑް އިތުރަށް ފުޅާކޮށްދީފަވެއެވެ.

މެޗްގައި އަމިގޯސްއިން ހަމައެކަނި ޖެހި ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އެޓީމުގެ 30 ނަންބަރ ޖޯޒީ އަށް ކުޅޭ ކުޅުންތެރިޔާއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް މާބައިދޫގެ ޖޯޒީ ނަންބަރ 21، މުޙައްމަދު އަމީނެވެ.
މި މުބާރާތުގައި ކްލަބް މާބައިދޫގެ ދެވަނަ މެޗް އޮންނާނީ 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައި ލ. ގަން ޒޯން ސްޓޭޑިއަމްގައެވެ. އެ މެޗްގައި ކްލަބް މާބައިދޫއާއި ބައްދަލުކުރާނީ ޕޮލިސް ކްލަބާއެވެ.
ޖުމްލަ 10 ޓީމް ބައިވެރިވާ މި މުބާރާތް ކުރިއަށްދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. މިއީ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15000 ރުފިޔާ ލިބޭގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުރިއަށްދާނީ ލ ގަން ޒޯން ސްޓޭޑިއަންގެ ޓާފް ދަނޑުގައެވެ.