ނިޔަމި ކޯހުގެ ބުރެއް ހިންގުން
ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީސްއާއި މި ކައުންސިލާއި ގުޅިގެން ކޯސްޓަލް ނެވިގޭޝަން ސެޓިފިކެޓް ލެވެލް 2، ކޯހުގެ ބުރެއް މިރަށުގައި ކުރިއަށް ގެންދެވިއްޖެއެވެ. މި ޑިސެމްބަރ 7 އިން 12 އަށް ކުރިއަށްދާ މިކޯހުގައި ރަށުގެ އެކި އުމުރު ފުރައިން 14 ފަރާތެއް ބައިވެރިވެފައިވާކަން ފާހަގަ ކުރަމެވެ.
މި ކޯހުގެ މަޤްޞަދަކީ 16 ޖަނަވަރީ 2022 ގައި އަމަލު ކުރަންފަށާ ކަނޑު އުޅަނދާއި ބެހޭ ގަވާއިދުގެ ދަށުން ފަޅުގައި ދުއްވާ އުޅަނދުން ފެށިގެން ރާއްޖޭގެ ހާއްޞަ އިގްތިޞާދީ ސަރަހައްދާއި ހަމައަށް ދަތުރު ކުރާ އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުންވެސް އަމަލު ކުރަންޖެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ އެއުޅަނދެއްގައި ތިބެންޖެހޭ ކައްޕިންނާއި ފަޅުވެރިންގެ އަތުގައި އޮންނަންޖެހޭ ސެޓިފިކެޓް ނެގުމަށް ރަށުގެ ރައްޔިތުންގެ ތެރެއިން އެކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހޯދާދިނުމެވެ.
މި ކޯހުގައި ކިޔަވައި ދެއްވަނީ މި ދާއިރާގެ ތަޖުރިބާ ކާރެއް ކަމުގައިވާ ސެންޓަރ ފޯރ މެރިޓައިމްސް ސްޓަޑީސްގެ ލެކްޓަޗަރ ކެޕްޓަން އަލްފާޟިލް އަހްމަދު ޖުބެއިރެވެ.
މި ކޯހަކީ ބައިވެރިން އަމިއްލައަށް ފީ ދައްކާގޮތަށް ކުރިއަށް ގެންދާ ކޯހެއްކަންވެސް ފާހަގަ ކުރަމެވެ.
މި ޕްރޮގްރާމާއި ގުޅިގެން ކައުންސިލްގެ ރައީސް ވިދާޅުވީ މި ދައުރުގެ ކައުންސިލްގެ އަމާޒަކީ ވީހާވެސް ގިނަ ދާއިރާއިން ރަށުގައި ފަންނުވެރިން އުފެއްދުން ކަމަށާއި މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތްތަކުގައި އަދިވެސް ފެނިގެންދާނެކަމަށް. އަދި ކައުންސިލުން ހުޅުވާލި މި ފުރުޞަތުގައި މި ޕްރޮގްރާމްގައި ބައިވެރިވެ ލެއްވި އެންމެހައި ފަރާތްތަކަށް ކައުންސިލްގެ ނަމުގައި ޝުކުރުއަދާކުރާ ކަމަށް ވިދާޅުވި.