ފެބްރުވަރީ މަހު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުން

ލާމަރުކަޒީ ގާނޫނުގެ 110 މާއްދާގައި ކައުންސިލްގެ މައްޗަށް ލާޒިމްކުރާ, ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަން ކަނޑައަޅާފައިވާ ބައްދަލުވުން ތަކުގެތެރެއިން ފެބްރުވަރީ މަހު ބާއްވަންޖެހޭ ބައްދަލުވުން ބޭއްވިއްޖެއެވެ. މާބައިދޫ ޔޫތު ސެންޓަރުގެ ހޯލުގައި 28 ފެބްރުވަރީ 2021 ދުވަހުގެރޭ 21:00 ގައި ފެށި ބައްދަލުވުމަށް ރަށުގެ ދެޖިންސްގެ ރައްޔިތުންގެ ތެރެއިން 16 ފިރިހެން ބޭފުޅުންނާއި 7 އަންހެން ބޭކަނބަލުންނާއިއެކު ޖުމްލަ 23 ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ޤުރުއާނުގެ ބަރަކާތުން މި ބައްދަލުވުން ފައްޓަވާ ދެއްވީ ލ. އަތޮޅު މަދަރުސާގެ ޓީޗަރ އަލްފާޟިލާ މަރްޔަމް ޝިރުފާ އަޅިވިލާގެ ލ. މާބައިދޫއެވެ. ބައްދަލުވުން ތައާރަފް ކޮށްދެއްވީ މާބައިދޫ ކައުންސިލްގެ އ ފައިނޭންސް އޮފިޝަރ އަލްފާޟިލް އިސްމާއިލް ރަޝީދެވެ. 2020 ވަނަ އަހަރު ހިންގުނު ޚަރަކާތްތަކުގެ ރިޕޯރޓް އިއްވަވާ ދެއްވީ މާބައިދޫ ކައުންސިލްގެ އ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ރަޝީދެވެ.

އ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ރަޝީދު

އަދި 2020 ވަނަ އަހަރުގެ މާލީ ބަޔާން އިއްވަވާ ދެއްވީ އ ފައިނޭންސް އޮފިޝަރ އަލްފާޟިލް އިސްމާއިލް ރަޝީދެވެ.

އ ފައިނޭންސް އޮފިޝަރ އަލްފާޟިލް އިސްމާއިލް ރަޝީދު

ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ފެބްރުވަރީ މަހު ބޭއްވޭ ބައްދަލުވުމުގައި ކުރީ އަހަރު ހިންގުނު ޚަރަކާތްތަކުގެ ރިޕޯރޓް އިއްވުމާއި މާލީ ބަޔާން އިއްވުމުގެ އިތުރުން ކައުންސިލްގެ ކުރީ އަހަރުގެ އޮޑިޓް ރިޕޯރޓް އިއްވަންޖެހެއެވެ. އެހެން ނަމަވެސް މި ކައުންސިލް އޮޑިޓްކޮށް އެންމެ ފަހުން ރިޕޯރޓެއް ނެރެވިފައިވަނީ 2016 ވަނަ އަހަރު ކަމުން މި ބައްދަލުވުމުގައި އިއްވާނެ އިތުރު އޮޑިޓް ރިޕޯރޓެއް ނެތްކަން ފާހަގަ ކޮށްލަންޖެހެއެވެ.

 

 

 

 

 

 

 

 

ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ ފައިޞަލް

މިބައްދަލުވުމުގައި 2020 ވަނައަހަރު ހައްދުންމަތި މާބައިދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދެވިފައިވާ ޚިދުމަތްތަކާއި ރަށުގެ ރަށްވެހި ދިރިއުޅުން އުޖާލާކުރުމަށް ކުރެވިފައިވާ  މަސައްކަތްތަކާއި އަދި ރަށުގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތް ތަކާއިބެހޭގޮތުން ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ފައިސަލް ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަމަ އެހެންމެ 2020 ވަނަ އަހަރު ކައުންސިލް ހިންގުމުގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް މުހިއްމު ނިންމުންތަކެއް ނިންމައި ޚިދުމަތް ފޯރުކޮށް ދެވިފައި ވާކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން ރަށުގައި ހިނަވާގެއެއް ޢިމާރާތް ކުރުމާއި، ރެސްޓޯރެންޓްގެ ހަޓުތައް ނިންމުމާއި، ރަށުގައި ކޭބަލް ޓިވީގެ ޚިދުމަތް ޤާއިމުކޮށް ޚިދުމަތް ދޭންފެށުން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ ރަށުގެ ކުނިމެނޭޖުކޮށް ބެލެހެއްޓުމަށް ބުރަމަސައްކަތް ތަކެއް ކުރެވިފައިވާ ކަންވެސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ވެގެންދާނީ ސަރުކާރުން މާބައިދޫއަށް އިސްކަމެއް ދީގެން ގިނަ މަސްރޫއު ތަކެއް ފެށުމުގެ މަރުހަލާތަކުގައިވާ އަހަރެއް ކަމަށާއި މި ސަރުކާރު ފުރަތަމަ ފެށި މަސައްކަތުގެ ތެރޭގައި މާބައިދޫ ބަނދަރުގެ ނެރު ކަތިކުރުން ހިމެނޭ ކަމަށާއި އެކަން މިހާރު ނިމިފައިވާ ކަމަށާއި އަދި ޔޫތު މިނިސްޓަރ ވައުދުވެލެއްވި ގޮތަށް މިރޭ މިބޭނުންކުރާ އިމާރާތް ޒުވާނުންނަށް ތަރައްޤީކޮށް ދިނުމަކީވެސް 2020 ވަނަ އަހަރު ތެރޭ ނިމިފައިވާ މަސައްކަތެއް ކަމަށާއި މީގެ އިތުރުންވެސް ދުވަސްވީ ސަކުވާއެއް ކަމުގައިވާ އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް އިމާރާތް ރިލޮކޭޓް ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ކޮންޓްރެކްޓަރަކު ހޯދުމަށް އިޢުލާން ކުރެވިފައިވާ ކަމަށާއި އަދި މިއަހަރު ތެރޭ އައިސް ޕްލާންޓެއް މިރަށުގައި ޤާއިމް ކުރެވޭނެ ކަމަށާއި މިކަމަށްވެސް ކޮންޓްރެކްޓަރަކު ހޯދުމަށް އިޢުލާން ކުރެވިފައިވާ ކަމަށް ވިދާޅުވި. މިކަންކަން މިގޮތަށް ގެންދެވޭނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހޮވޭ ބަޔަކާއި ސަރުކާރާއި ގުޅިގެން ކަމަށާއި، މިހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި އެކަންކަމަށް ވިސްނައިގެން ބަޔަކު އައްޔަން ކުރުން ވެގެންދާނީ ރަށަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ރައީސްވިދާޅުވިއެވެ.

ރައީސް ރައްޔިތުންނާއި މުހާތަބު ކުރުމަށްފަހު މި ބައްދަލުވުން ނިމުނީ 22:45 ގައެވެ.