އ ދ ދިގުރަށު ކައުންސިލުން މާބައިދޫ ކައުންސިލާއި ބައްދަލު ކޮށްފި
ތަޖުރިބާގެ ދަތުރެއްގައި އދ. ދިގުރަށު ކައުންސިލްގެ ޓީމެއް މާބައިދޫއަށް ވަޑައިގެން، މާބައިދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ. މިއަދު 12 ނޮވެމްބަރ 2020 ދުވަހު ހެނދުނު 9:40 ގައި މާބައިދޫ އިޖްތިމާއީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ދިގުރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ ކައުންސިލްގެ ހަޔާތުގައިވެސް މިގޮތަށް ތަޖުރިބާ ހޯދުމަށް ކުރެވޭ ފުރަތަމަ ދަތުރު ކަމަށާއި މިދަތުރުގެ މައިގަނޑު މަޤްޞަދަކީ ތަޖުރިބާ ޙާޞިލް ކުރުން ކަމަށާއި އަދި މީގެ އިތުރުން މި ދަތުރުގައި ދިގުރަށުގައި ތަރައްޤީ ކުރެވޭ ޕާރކެއްގައި އިންދުމަށް ގަސްހޯދުމަކީވެސް ބޭނުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ދިގުރަށު ކައުންސިލްގެ އިދާރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތްތަކެއްގެ މުވައްޒަފުންގެ އިތުރުން ދިގުރަށު އތމ ކޮމެޓީގެ މެމްބަރުންވެސް ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މާބައިދޫ ކައުންސިލްގެ ރައީސްގެ އިތުރުން އިދާރީ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި ދެކައުންސިލުން ކުރާ ކަންތައްތައް ހިއްސާކޮށް، ދިގުރަށު ކައުންސިލްގެ ޓީމުގެ ޝަރަފުގައި ފިނި ހިއްޕެވުމެއް މާބައިދޫ ކައުންސިލްގެ ފަރާތުން އެރުވުނެވެ. ބައްދަލުވުން ނިމިގެން ބައިވެރިން ރަށުގައި ހުރި މުހިއްމު ތަންތަނުގެ ތެރެއިން ކޯރު ބަލާލުމަށްޓަކައި ކޯރަށް ޒިޔާރަތްކޮށް، ފޮޓޯ ނެގުމަށްފަހު ދިގުރަށު ކައުންސިލުގެ ފަރާތުން އެރުވޭ ހަނދާނީ ފިލައެއް މާބައިދޫ ކައުންސިލަށް ހަދިޔާ ކުރެވިފައިވެއެވެ. މި އަށްފަހު ދިގުރަށު ކައުންސިލްގެ ޓީމް ފުރާފައިވަނީ ހެނދުނު 10:45 ގައެވެ.