ހައްދުންމަތީ އަތޮޅު ކައުންސިލާއި މާބައިދޫ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކެރްންޑޫ "ބޮޑަރާޅަ ޖަހަން މުއްލު" ތަރައްޤީކުރި ޕިކްނިކް އޭރިޔާ، 09 އެޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 16:20 ގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ސަރަހައްދު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ކުރިއަށްދިޔައީ މާބައިދޫގެ ހިތްގައިމު ސަރަހައްދެއް ކަމަށްވާ ކެރަންޑޫ "ބޮޑަރާޅަ ޖަހަން މުއްލު" ގައި މިކަމަށް ހާއްޞަ ކޮށްގެން ބޭއްވި ރައްމިއްޔާތެއްގައެވެ.

ރަށުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީގެން ބޭއްވި މި ރަސްމިއްޔާތުގައި މި ޕިކްނިކް އޭރިޔާ ރަސްމީކޮށް ހުޅުއްވައިދެއްވީ މާބައިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ވިސާމެވެ. މި މަޝްރޫޢަކީ ކައުންސިލުން އާންމުކޮށް އިޢުލާންކޮށްގެން، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ މަތިން ކޮންޓްރެކްޓަރަކާ ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މުހިންމު ތަރައްޤީގެ މަސައްކަތެއްކަން ކައުންސިލުން ފާހަގަކުރެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމް ވިދާޅުވީ، މިހާރު ނިމިގެން މިދިޔައީ ޕިކްނިކް އޭރިޔާ ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކަމަށާއި، މި މަޝްރޫޢުގެ ބާކީ ހުރި ބައިތައް ކުރިއަށް އޮތް ދައުރަށް އިންތިޚާބުވާ ކައުންސިލުން އިތުރަށް ފުރިހަމަކޮށްދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން މިއީ ރަށުގެ ރައްޔިތުންގެ މުނިފޫހިފިލުވުމަށްޓަކައި ޤާއިމްކުރެވުނު ތަނެއް ކަމުން، މި ތަނުގެ ބޭނުން ހިފާއިރު ތަކެއްޗަށް ގެއްލުން ނުވާނެހެން ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ޕިކްނިކް އޭރިޔާގެ ހަތަރު ސަރަހައްދެއްގައި ބާބަކިއު ހެދުމަށް ބޭނުންވާ ޕޮއިންޓްތައް ވަނީ ޤާއިމްކޮށްފައެވެ. އަދި އާއިލާތަކާއި ރައްޔިތުން ހިތްއުފާކޮށްލުމަށްޓަކައި އިށީންނާނެ ގޮނޑިތަކާއި، އަރާމުކޮށްލުމަށް ބޭނުންވާ ސަންބެޑް ފަދަ ތަކެތި އެ ސަރަހައްދުގެ ތިން ދިމާއެއްގައި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، ޕިކްނިކް އޭރިޔާއެއްގައި ހުންނަންޖެހޭ އަސާސީ ވަސީލަތްތަކުގެ އިތުރުން މޫދަށް އެރުމަށްފަހު ފެންވެރޭނެ އިންތިޒާމުވެސް މި ސަރަހައްދުގައި ވަނީ ފުރިހަމަކޮށްފައެވެ.

މާބައިދޫ ކައުންސިލުން ވަނީ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. މި ސަރަހައްދަކީ ކުރިއަށް އޮތް ތަނުގައި ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ބޮޑު ފުރުޞަތެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ.