ރަށުގެ ބަނދަރު ސަރަހައްދަކީ ގިނަ ބަޔަކު އެއްވެ އުޅޭ އަދި ގިނަ އަދަދެއްގެ މުދަލާއި އުޅަނދުފަހަރު އޮންނަ ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ސަލާމަތީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫއަކީ ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ބަނދަރުގެ އެކި ދިމާތައް ރަނގަޅަށް ފެންނާނެހެން ޖުމްލަ 4 ކެމެރާ ވަނީ ހަރުކޮށްފައެވެ. މި ކެމެރާތަކުގެ އެހީގައި ބަނދަރުގެ މުހިންމު ސަރަހައްދުތައް 24 ގަޑިއިރު މޮނިޓަރު ކުރެވެމުން ދާނެއެވެ.

މި ނިޒާމު ގާއިމުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. މީގެ އިތުރުން، ބަނދަރު ސަރަހައްދުގައި ހުންނަ ރައްޔިތުންގެ މުދަލާއި، އުޅަނދުފަހަރާއި، އެކި ތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު ބޭނުމެކެވެ.
ބަނދަރު ސަރަހައްދުގައި ކެމެރާ ހަރުކުރުމާ ގުޅިގެން، އެ ސަރަހައްދުގައި ހިނގާފާނެ ނޭދެވޭ ކަންތައްތަކާއި ކުށްތައް މަދުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ، އެކަމެއް ހިނގާދިޔަ ގޮތް ދެނެގަތުމަށް މި ކެމެރާތަކުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލުމުގައި މި ކައުންސިލުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއި ހައްދުންމަތީ މުންޑޫ ކައުންސިލްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް މާބައިދޫ ކައުންސިލުގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.



މި ފަދަ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ރަށުގެ އާންމު މަސްލަހަތު ހިފެހެއްޓުމަށާއި، ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.