ލ ގަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫ ސްޕޯރޓްސް ކްލަބުން ހޯދައިފި

11 ޖެނުއަރީ 2022 ދުވަހު ހަވީރު ގަމު ޒޯން ސްޓޭޑިއަމުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މާބައިދޫން ލ. ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބު 4-0ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ޒޯން ސްޓޭޑިއަމްގެ ސިޑިބަރީގެ އިތުރުން މުޅި ސަރަހައްދުގައިވެސް ސަޕޯޓަރުން ފުރާލާފައި އިއްޔެ އޮތް އިރު، ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ސަޕޯޓަރުންގެ ބެރު ދުންމާރީގެ ބާރު އަޑާއެކު މެޗު ފެށިގެން، ކުރީކޮޅުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފައިނަލެއްގެ ޕްރެޝަރުގައި މެޗު ދަނިކޮށް، އޮއިވަރު ބަދަލުވެގެން ދިޔައީ ފުރަތަމަ ހާފުގައި މާބައިދޫގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޖާޒީ ނަންބަރު 12 މުހައްމަދު ވަހީދަށް ދެއްކި ރަތް ކާޑާ އެކުގައެވެ. އެ ރަތް ކާޑާއެކު މާބައިދޫ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި އޮފިޝަލުންވެސް ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާކޮށް، ނުރުހުން ފާޅު ކޮށްފައިވެއެވެ.

މާބައިދޫގެ ކުޅުންތެރިޔަކު މަދުވުމާއެކުވެސް އެޓީމުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތެވެ. ކުރިއަށް ޖެހި އެޓޭކް ކުރުމުގައި މާބައިދޫ ފެނުނީ އާދަޔާހިލާފު ވަރުގަދަކޮށެވެ. ހާއްސަކޮށް ކޮންމެ ސެޓްޕީސްއެއްގައި މާބައިދޫން ގޯޅީގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެން ދިޔައެވެ. މެޗުގައި ހިތްވަރާއެކު ކުޅުނު މާބައިދޫގެ ގޯލުތައް އަބްދުﷲ ފަރީސްއާއި ޝާފިއު ރަޝީދު އަދި އިބްރާހިމް ހާނިފް (ޓާގެޓް) ޖަހައިދިން އިރު، ޢަބްދުﷲ ފަރީސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

އިއްޔެގެ ފައިނަލް މެޗުގައި މާބައިދޫން ދެ ގޯލު ޖަހާފައި ވަނިކޮށް ގޯޅިއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ގޯޅީގެ ޑިފެންޑަރު އަބްދުﷲ ޝުއާއު ޖެހި ޕެނަލްޓީ މާބައިދޫ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފައެވެ.

މުބާރާތް ނިންމުމަށްފަހު ގަމު ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި ޔޫތު މިނިސްޓްރީގެ އިތުރުން ގަން ޕޮލިސް އަދި އެމްޓީސީސީއަށްވެސް ހަނދާނީ ލިޔުން އަރުވައިފައެވެ. އޭގެ އިތުރުން މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވާ އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާބައިދޫގެ މުހައްމަދު އަމީނެވެ.

ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް، އަދި ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ޝަރަފުވެރި މެހެމާން މިނިސްޓަރު މަހުލޫފެވެ. ޗެމްޕިއަން ޓީމަށް ގަމު ކައުންސިލުން ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.