މާބައިދޫ ކައުންސިލްގެ ކްލަބް މާބައިދޫ ސެމީއަށް

ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ލ. މާބައިދޫ ކައުންސިލް، އަދި ދެވަނަ ޓީމުގެ ގޮތުގައި ގޯޅި ސްޕޯޓްސް ކްލަބު ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މުބާރާތުގެ ގްރޫޕު ބީގެ އެއްވަނައިގައި މާބައިދޫ ނިންމާލީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ޓީމުގެ ގޮތުގައި ގޯޅި ސެމީއަށް ދިޔަ އިރު، އެޓީމަށް ހަތަރު މެޗުން ލިބެނު ހަތް ޕޮއިންޓާއެކު ފައިދާ ފަސް ގޯލެވެ. ތިންވަނައިގައި އޮތް މާހިންނައަށްވެސް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ސެމީ ގެއްލުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ގްރޫޕް ބީގައި ދެން ބާކީ އޮތީ މުބާރާތުން ކަޓާފައި އޮތް ޕޮލިހާއި އަމިގޯސް ކުޅޭ މެޗު އެކަންޏެވެ.

މާބައިދޫ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ޔަގީން ކުރީ އިއްޔެ ގަމު ޒޯން ސްޓޭޑިއަމްގައި މާހިންނައާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މެޗަށްފަހު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއްވެސް އިއްޔެ ހިނގާފައިވާ އިރު، މާބައިދޫގެ ގޯލުތައް ޖަހައިދީފައި ވަނީ ޝާފިއު އަދި ހަނީފް (ޓާގެޓް) އެވެ.

މާބައިދޫން ސެމީގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ޓީމް ކަމަށްވާ ދަނބިދޫ ފުޓްބޯޅަ ކުލަބާ 9 ޖެނުއަރީ 2022 ދުވަހު ލ. ގަން ސްޓޭޑިއަމްގައެވެ